ތ. ގުރައިދޫ އތމ ކޮމިޓީން ރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ކަސްރަތު ޕްރޮގްރާމެއް ހިންގައިފި
ތ. ގުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީން ރަށުގެ ކަނބަލުންގެ ދުޅަހެޔޮކަމާއި ފިޓްނަސް އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޚާއްސަ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ގުރައިދޫ އތމ ކޮމިޓީ އާއި އައި.ވައި.ސީ (IYC) ހެލްތް އެންޑް ފިޓްނަސް ގުޅިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ތަމްރީނުތައް ކުރިއަށް ގެންގޮސްދެއްވީ ފިޓްނަސް އިންސްޓްރަކްޓަރ އާމިނަތު މަދީހާއެވެ.
މި ޕްރޮގްރާމްގައި ގުރައިދޫގެ 29 ކަނބަލުން ބައިވެރިވެ، ފުރިހަމަކޮށްފައިވެއެވެ. 15 ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ހިމެނޭ ތިއަރީ ސެޝަންތަކުގެ އިތުރުން ޢަމަލީ ގިނަ ކަސްރަތުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެކުއާ ފިޓްނަސް، ޑާންސް ފިޓްނަސް، ހީޓް ވޯކްއައުޓް (HIIT)، އައުޓްޑޯ އެކްޓިވިޓީސް އަދި ހަށިގަނޑަށް އަރާމުދިނުމަށް ޚާއްސަ ރިކަވަރީ ކްލާސްތައް ވަނީ ބާއްވާފައެވެ.
މި ޕްރޮގްރާމް ނިންމުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އިންސްޓްރަކްޓަރ އާމިނަތު މަދީހާ ވަނީ ޕްރޮގްރާމްގެ ހުރިހާ ބައިވެރިންގެ ފަރާތުން ފެނިގެންދިޔަ ފޯރިއާއި ހިތްވަރު ފާހަގަކުރައްވައި، އެ ފަރާތްތަކަށް ސާބަސް ދެއްވާފައެވެ.
މީގެއިތުރުން، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ރާވައި، އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގައި ގުރައިދޫ ކައުންސިލާއި އތމ ކޮމިޓީގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވައި، އިންސްޓްރަކްޓަރ ވަނީ އެ ފަރާތްތަކަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ.
ރަށުގެ ކަނބަލުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަށާއި، ކަސްރަތަށް އަހުލުވެރިކުރުވުމަށް އތމ ކޮމިޓީން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަށް ބައިވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިގެން ގޮސްފައެވެ.