ތ. ގުރައިދޫގައި ހޯމް ގާޑަނިންގ ޕްރޮގްރާމެއް ހިންގައިފި
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި ކޮޅުމަޑުލު ގުރައިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ ގުޅިގެން، ގޭގައި ގަސްއިންދުމާއި ދަނޑުވެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން "ހޯމް ގާޑަނިންގ" ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
ފަސް ދުވަހުގެ މުއްދަތަށް ތ. ގުރައިދޫގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ޖުމްލަ 31 ބައިވެރިން ބައިވެރިވެ، ދަނޑުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތަކާއި ޢަމަލީ ތަޖުރިބާ ހޯދާފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ގަސްގަހާގެހީގެ މުޑުވަށް ތައްޔާރުކުރާނެ ގޮތްތަކާއި، ގަސްތަކަށް ޖެހޭ ތަފާތު ބަލިތަކާއި، އެފަދަ ބަލިތަކުން ގަސްތައް ރައްކާތެރިކުރާނެ ގޮތްތަކެވެ. މީގެ އިތުރުން ގޭގައި ގަސްކާނާ ތައްޔާރުކުރާނެ ގޮތާއި، ގަސްތަކަށް އެންމެ އެކަށޭނަ ގޮތުގައި ކާނާ ދޭނެ މިންވަރާއި އުސޫލުތައް ވެސް ވަނީ ބުނެދީފައެވެ. އަދި ޒަމާނީ ދަނޑުވެރިކަމުގެ ވައްޓަފާޅިއެއް ކަމަށްވާ ފެނުގައި ގަސްއިންދާނެ (ހައިޑްރޯޕޮނިކްސް) ގޮތްތައް ވެސް މި ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ އަމަލީ ގޮތުންނާއި ނަޒަރީ ގޮތުން އުނގަންނައިދީފައެވެ.
މި ޕްރޮގްރާމް އިންތިޒާމުކުރި ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ޕްރޮގްރާމް ކުރިއަށް ދިޔަ ހުރިހާ ދުވަހެއްގައިވެސް ބައިވެރިންގެ ފަރާތުން ވަރަށް ބޮޑު ޝައުޤުވެރިކަމަކާއި އެއްބާރުލުމެއް ލިބިގެންދިޔައެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މިފަދަ ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ގޭބިސީތަކުގައި ތާޒާ ތަރުކާރީއާއި މޭވާ ހެއްދުމުގެ ފުރުޞަތު ފަހިކޮށްދީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމުން ހޭލުންތެރިކުރުވުމެވެ.