މާރެސްވޮލީބޯލް ޗެލެންޖް ގުރައިދޫގައި ކާމިޔާބުކަމާއެކު ނިންމާލައިފި

26 އޯގަސްޓް 2026 - 03:51

ތ. ގުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން ކުރިއަށްގެންދިޔަ "މާރެސް ވޮލީބޯލް ޗެލެންޖް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ ރަށުގެ ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކުރުމަށާއި، އެކުވެރިކަމާއި އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ މަތިވެރި މަޤްޞަދުގައި ބޭއްވުނު މުބާރާތެކެވެ. މި މުބާރާތުގައި ވާދަކޮށްފައިވަނީ 4 ޓީމެވެ. އެއީ ރަތް، ނޫ، ފެހި އަދި ދަނބު ޓީމެވެ. ފޯރިގަދަ ކުޅުމަކަށްފަހު މުބާރާތުގެ ފައިނަލްގައި ވާދަކުރީ ފެހި ޓީމާއި ދަނބު ޓީމެވެ. މި މެޗު ސީދާ 3 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފެހި ޓީމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ފެހި ޓީމުގެ ޖާޒީ ނަންބަރު 12، މަރިޔަމް ރީޝާއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ފެހި ޓީމުގެ ކޯޗު ތަޢުރީފް މަންސޫރެވެ. މީގެއިތުރުން މުބާރާތުގެ ފެއަރ ޕްލޭ ޓީމުގެ މަޤާމު ޙާޞިލުކުރީ ރަތް ޓީމެވެ. މުޅި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ: މަރިޔަމް ރީޝާ (ފެހި ޓީމް) ޢާއިޝަތު ނަސްމާ އަޙްމަދު (ދަނބު ޓީމް) މަރިޔަމް ޝިޒާނާ (ރަތް ޓީމް) ފާޠިމަތު ޝިރުއާ (ފެހި ޓީމް) ފާޠިމަތު ޒަހާ (ދަނބު ޓީމް) އާމިނަތު ޝަހާ (ފެހި ޓީމް). މި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ޙާޞިލް ކޮށްފައިވަނީ ފެހިޓީމްގެ ޖާޒީ ނަންބަރު 12، މަރިޔަމް ރީޝާއެވެ. ރީޝާވަނީ މިމުބާރާތުގައި ފެހި ޓީމްބައްދަލު ކުރި ހުރިހާ މެޗެއްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަށް އިނާމު ދިނުމުގެ ގޮތުން، ޗެމްޕިއަންކަން ހޯދި ފެހި ޓީމަށް -/15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމަށް ހޮވުނު ދަނބު ޓީމަށް ވަނީ -/7000 (ހަތްހާސް ރުފިޔާ) ގެ އިނާމެއްދީފައެވެ.