ތ. ގުރައިދޫގައި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތ. ގުރައިދޫގައި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ ގުޅިގެން ވަރަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް ފެށިގެންދިޔައީ އެ ދުވަހުގެ ހެނދުނު ބޭއްވުނު ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި ރަށުގެ މުއައްސަސާ ތަކުންނާއި ޢާންމު ރައްޔިތުން ބައިވެރިވެ، މިނިވަންކަމުގެ އުފާ ފާޅުކޮށްފައިވެއެވެ.
މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ގުރައިދޫ ކައުންސިލުން ވަނީ ރަށުގެ ފިރިހެނުންނަށް އަމާޒުކޮށްގެން "މިނިވަން އުފާ ވޮލީ މުބާރާތް" ނަމުގައި ފޯރިގަދަ ވޮލީ މުބާރާތެއް ބާއްވާފައެވެ. ރަށުގެ ޒުވާނުންނާއި ތަޖުރިބާކާރު ކުޅުންތެރިން ފެނިގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި "ޓީމް ރަދުން" ވަނީ މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ކަނބަލުންނަށް ޚާއްސަކޮށްގެންވެސް ގިނަ ހަރަކާތްތަކެއް މި ދުވަހާ ގުޅުވައިގެން ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ "ކަނބަލުންގެ ބަދިގެ" ނަމުގައި ކެއްކުމުގެ މުބާރާތެއް ބާއްވާފައެވެ. ތަފާތު ރަހަތަކާއި ހުނަރުތައް ފެނިގެންދިޔަ މި މުބާރާތުގެ އެއްވަނަ މަޤާމު ކާމިޔާބު ކުރީ "ދަނބު ޓީމް" އެވެ.
މީގެ އިތުރުން، އތމ ކޮމިޓީގެ ފަރާތުން ވަނީ އަންހެން ބޭފުޅުންނަށް ޚާއްސަ ބަށި މެޗެއްވެސް ބާއްވާފައެވެ. މި ފޯރިގަދަ މެޗު ކާމިޔާބުކޮށްފައިވަނީ "ޓީމް ދާއިން ކަނބާ" އެވެ.
މި ހަރަކާތްތަކުގެ މަޤްޞަދަކީ މިނިވަން ދުވަހުގެ އުފާ ރަށުގެ ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚިޠާބުގައިވެސް ވަނީ ޤައުމީ އެއްބައިވަންތަކަމާއި މިނިވަންކަން ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ