ތ. ގުރައިދޫގެ އަލި ގަދަ ތަރީގެ މަޤާމް އަޔޫފް އަނީސް އަށް

11 މާޗް 2025 - 13:14

ބަރަކާތްތެރި ރަމަޟާންމަހާއި ގުޅިގެން ތ. ގުރައިދޫ ކައުންސިލުން ބާއްވަމުން ގެންދާ  ދީނީމުބާރާތުގެ ތެރެއިން، 1446 ވަނަ އަހަރުގެ މުބާރާތުގެ އަލިގަދަ ތަރީގެ މަޤާމް ތ. ގުރައިދޫ ގެމާ، މުޙައްމަދު އަޔޫފް އަނީސް (ޢުމުރު 10) ޙާސިލް ކޮށްފިއެވެ. ޖުމްލަ 275 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މިމުބާރާތުގައި ޤުރްއާން، މަދަޙަ، ބަންގި، ޚުޠުބާ އަދި މުވައްސަސާތަކަށް ހުޅުވާލައިގެން ދީނީ ކުއިޒް ބޭއްވުނެވެ. މިބައިތަކުގެ ތެރެއިން އަލިގަދަ ތަރި ހޮވާފައިވަނީ ޤުރުއާނުގެ ބައިންނެވެ. އަދި އަޔޫފް މިމަޤާމް ޙާޞިލް ކޮށްފައިވަނީ ކީސްޓޭޖް 2ގެ ބައިން ބައިވެރިވެގެނެވެ. މީގެ އިތުރުން އަޔޫފް ވަނީ މަދަޙައިގެ ބައިގަވެސް ބައިވެރިވެފައެވެ. 

ވިދި ވިދިގެން 5 އަހަރު ކުރިއަށް ގެންގޮސްފައިވާ މި މުބާރާތަކީ މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ޙަރަކާތް ތެރިވެފައިވަނީ މުބާރާތުގައި ހިމެނޭ ބައިތަކުން ރާޢްޖޭގެ ފުންނާބު އުސް ބޭފުޅުންގެ ގޮތުގައި މަޝްހޫރު ބޭފުޅުންނެވެ. އަދި މި މުބާރާތުގައި އަލިގަދަ ތަރިއަށް ހޮވޭ ފަރާތަށް ޢުމްރާ ދަތުރެއް ހަމަޖެހިފައިވާއިރު މިފަހަރުގެ މުބާރާތުގެ ޢުމްރާ ދަތުރު ސްޕޮންސަރ ކޮށްދެއްވާފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްއިން ކަމުގައި ފާހަގަކޮށްލަމެވެ.