މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ކޮމިއުނިޓީ ޗެމްޕިއަނުން ތައްޔާރުކުރުމުގެ ޕްރޮގްރާމެއް ތ.ގުރައިދޫގައި ފެށުން

22 ޖެނުއަރީ 2025 - 19:31

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހިންގާ 'މަގޭ ސާފުރާއްޖެ' ޕްރޮގްރާމްގެ ދަށުން، މ ,ފ , ދ , ތ, އަދި ލ އަތޮޅަށް އަމާޒުކޮށްގެން ކުނި މެނޭޖްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާނެ ކޮމިއުނިޓީ ޗެމްޕިއަނުން ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މިގޮތުން މ.ކޮޅުފުށި، ތ.މަޑިފުށި، ތ.ވަންދޫ އަދި ތ.ގުރައިދޫގެ ކައުންސިލްތަކާއި އެކިއެކި މުއައްސަސާތަކުގެ މަންދޫބުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ ޓްރެއިނަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ދަނީ ކުރިއަށެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރީން މި ރަށްތަކުގައި ޤާއިމުކޮށްފައިވާ ކުނި މެނޭޖްކުރުމުގެ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ފެށުމަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އަދި މި ތަމްރީނު ލިބޭ ފަރާތްތަކުން އިތުރު ފަރާތްތަކަށް މި މަޢުލޫމާތު ފޯރުކޮށްދިނުމަށްވެސް ވަނީ ރޭވިފައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ރަށްރަށުގެ އެކި މުއައްސަސާތަކުގެ މަންދޫބުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ސްކޫލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި އެހެނިހެން މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެއެވެ. ބައިވެރިންނަށް ކުނި މެނޭޖްކުރުމުގެ ޢަމަލީ މަސައްކަތުގެ އިތުރުން، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކުރުމުގެ ހުނަރުތައްވެސް ދަސްކޮށްދެވޭނެއެވެ.

ތ.ގުރައިދޫގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގެ އެންމެހައި އިންތިޒާމުތައް ބަލަހައްޓަނީ ގުރައިދޫ ކައުންސިލުންނެވެ. މި ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ހިންގޭ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށްގެންދެވޭ ހަރަކާތެކެވެ.